އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ އިހުސާންކަމުގެ މައްޗަށެވެ.
އިހުސާންކަމަކީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި ހެޔޮކޮށް ހިތުމެވެ.
ޖިބްރީލް އަލައިހިއްސަލާމް އިހްސާންކަމާ ބެހޭގޮތުން މާތް ނަބިއްޔާ (ޞޢވ) އާ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އިހްސާންކަމަކީ ތިބާ މާތް ﷲ އަށް އަޅުކަން ކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައި ވިޔަސް އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ.“
އިހްސާންކަމަކީ މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އަޅުކަމުގައިވެސް މެއެވެ. އޭނާ އެހެންމީހުންނާއި ކުރާ މުޢާމަލާތުގައިވެސް މެއެވެ. އޭނާގެ މާލީ މުޢާމަލާތާއި، އަބުރު ހިފެހެއްޓުމާއި، ޢިލްމު އުނގެނުމާއި އެންމެހައި ޢަމަލުތަކުގައިވެސް މެއެވެ.
އަޅުކަމުގައި އިހުސާންތެރިކަމަކީ، މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަލާނގެއާ އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”(ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަން، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ.“
ކަމެއް މިންވަރުކުރައްވަނީ މާތް ﷲ ކަން ޤަބޫލުކޮށް މިންވަރަށް އީމާންވުމަކީ ވެސް އިހްސާންކަމުގެ ތެރެއިންވާ ކަމެކެވެ.
އިހްސާންކަމަކީ ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. މާތް ﷲ އަށް އީމާންވުމާއެކު ކީރިތި ރަސޫލާ (ޞޢވ) އަށް ފުރިހަމައަށް ޠަބަޢަވުމެވެ.
އިހްސާންކަމުގައި ދެން އޮތީ އަޅުތަކުންގެ މައްޗަށް އިހްސާންތެރިވުމެވެ. އޭގެތެރޭގައި އެންމެ އައުލާކަން ބޮޑުބަޔަކީ މައިންބަފައިންނެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ!“
އިޙްސާންކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން ވެއެވެ. އެއީ، ޢުމުރާއި ރިޒްޤުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެކެވެ. ކައު ރަސޫލާ (ޞޢވ) ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އެމީހެއްގެ ޢުމުރު ދިގުކުރެއްވުމަށާއި، ރިޒްޤު ތަނަވަސް ކުރެއްވުމަށާއި، ނުބައި މަރަކުން މަރުވުމާ ދުރުކުރެއްވުމަށް އެދޭ މީހާ، ފަހެ ﷲ އަށް ތަގުވާވެރިވެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ.“



