ޑޮލަރުގެ ކަޅު ބާޒާރުގެ ނިވާފަތްގަނޑުގައި ތިބި މަހުޖަނުން ތިލަވެއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ރުކުމާ ވިދާޅުވީ ސިޔާސީ މައިދާނަށް ލޯހުޅުވުނު ފަހުން ތަކުރާރުކޮށް އިވޭ އަޑަކީ ދިވެހި ރާއްޖެއަށް ވަންނަ ޑޮލަރަށް ވަނީ ކިހިނެއްތޯ އެކި ފަރާތްތަކުން ސުވާލުކުރާ އަޑު ކަމަށެވެ. އަދި އެ ސުވާލަށް މިއަދު ޖަވާބު ލިބިއްޖެ ކަމުގައި ރުކުމާ ވިދާޅުވިއެވެ.
އެގޮތުން ރުކުމާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ބެންކް މެދުވެރިކޮށް ޑޮލަރުގެ ބައިކުޅަބައި މާރުކޮށްލަން ސަރުކާރުން އެދުމުން ރިސޯޓް ފަހަރުގެ ވެރިން ދެބަސްވުމަކީ މިކަމުގައި ބަލައިގަންނަންދަތި މިސާލެއް ކަމަށެވެ.
”ޑޮލަރުގެ ޒަމާންވީ މައްސަލަ ހައްލުވާނެ ގޮތްގޮތް ކިޔާނުދޭ ސިޔާސީ މީހެއް މަދު. މިއަދު އެހުރިހާ ޚިޔާލެއް ކެންސަލްވީތޯ؟“ ރުކުމާ ސުވާލުކުރެއްވިއެވެ.
މީގެއިތުރުން ރުކުމާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިކުމަތްތެރިކަމާއެކު ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ބުރަބޮޑު ނުވާނެ ގޮތަށް އެކުލަވާލި ޤަވާއިދުގެ މަފުހޫމް ގެއްލޭ މޭރުމުން ސިޓީބިޓީ ލިޔެ ނޫސްތަކުގައި ޝާޢިއުކުރުން ބަލައިގަންނަން ދަތި ކަމަށެވެ.
ރުކުމާ މިހެން ވިދާޅުވެފައިވާއިރު، މިފަހުން އާންމުކުރި ބޭރު ފައިސާ އާބެހޭ ގަވާއިދާއި ގުޅިގެން ރިސޯޓުތަކުން އެމްއެމްއޭއަށް ފޮނުވާފައިވާ ސިޓީތަކުގައި، ގަވާއިދުގައި އިސްތިސްނާ ދީފައިވާ ކަންކަންވެސް ހިމަނާފައިވާކަން ފާހަގަވެއެވެ. އަދި ބޭރުފައިސާ އާބެހޭ ޤަވާއިދުގެ މަފުހޫމާ ތަޢާރުޒުވާ ކަންކަމަށް އަލިއަޅުވާލާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ނޫސްތަކުން މި ޚަބަރު ގެނެސްދިނުމުގައި މާނަ އޮޅޭގޮތަށް ރިޕޯޓުކޮށްފައިވާކަން ވެސް ވަނީ ފެންމަތިވެފައެވެ.
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން އެމްއެމްއޭއިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓްތަކަކުން އެކަމަށް ރަޖިސްޓްރީ ވެފައިވާ ކަމަށް އެމްއެމްއޭ އިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގާއިރު، އެމްއެމްއޭގެ އެގަވާއިދުގެ ދަށުން މިހާތަނަށް 173 ރިސޯޓަކުން ވަނީ ރަޖިސްޓްރީވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 1 ގައި މިގަވާއިދަށް އަމަލުކުރަން ފަށާފައިރު، އެމްއެމްއޭއިން ވަނީ އޮކްޓޯބަރު 30 ގެ ނިޔަލަށް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓްރީވުމުގެ ފުރުސަތުދީފައެވެ.
މިގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެމްއެމްއޭއިން އެކަމަށް ޚާއްސަ ޕޯޓަލްއެއް ކަނޑައަޅާފައިވާއިރު، އެ ޕޯޓަލްގައި ރިސޯޓުތަކުގެ މައުލޫމާތުތައް ހިމަނަން ޖެހޭނެއެވެ.
ގަވާއިދާ ގުޅިގެން ބައެއް ރިސޯޓުތަކުން ޝަކުވާ ހުށަހަޅާފައިވާކަން ހާމަކުރުމަށްފަހު އެމްއެމްއޭއިން ބުނީ ޝަކުވާ ހުށަހެޅި ރިސޯޓުތަކުގެ އަދަދު އަދި ސާފު ނުވާކަމަށެވެ.



