މިސް ޔުނިވަރސް 2024 ގެ ސްވިމްސޫޓު ބުރު ރޭގައި ބާއްވައިފިއެވެ. ރީތީގެ ރާނީ ހޮވުމަށް ރާއްޖޭގެ ފަރާތުން މަރިޔަމް ޝައިނާ ނަސީމް ބައިވެރިވާކަން ފެންމަތިވީ ހިސާބުން ގިނަ ބަޔަކު އެންމެ ކަންބޮޑުވެ ފާޑުކީ އެއްކަމަކީ އެމުބާރާތުގައި ޝައިނާއަށް ވެސް ސްވިމްސޫޓު ލާން ޖެހިދާނެތީ، އެއީ ރާއްޖޭގެ ސަޤާފަތާއި ނުގުޅޭނެ ކަމަކަށްވުމުންނެވެ.
ނަމަވެސް ރޭގައި ބޭއްވި ސްވިމްސޫޓު ބުރުގައި ޝައިނާ ދައްކުވައިދިނީ މުޅިން ތަފާތު މަންޒަރެކެވެ. ސްވިމްސޫޓެއް ނުލުމުގެ އިތުރުން އޭނާ ލައިގެން ހުރީ ގަޔަށް ބާރު ނަމަވެސް އަތްކުރި ދިގު އަދި ފައިވެސް ނިވާކޮށްފައި ހުރި ހެދުމެކެވެ.
މީގެއިތުރުން މި މުބާރާތުގައި ބައިވެރިން އިއްޔެ ވަނީ އެމީހެއްގެ ޤައުމު ރަމްޒުކޮށްދޭ ސަގާފީ ހެދުންލުމުގެ ބުރެއް ވެސް ބާއްވާފައެވެ. އެބުރުގައި ޝައިނާ ލައިގެން ހުރީ ބޯވަޅުއެޅި ރަތް ކުލައިގެ ދިވެހި ލިބާހެކެވެ. އަދި ކަރުގައި ފައްޓަރުބައެއް ވެސް އަޅާފައި އޮތެވެ.

”ހީ އެންޑް ޝީ“ އިން ދިން ފުރުސަތަކަށް ޝައިނާ މި މުބާރާތުގައި ބައިވެރިވުމަށް މެކްސިކޯއަށް ފުރީ މިދިޔަ މަހު ފަހުކޮޅެވެ. އޭނާ ވަނީ 2022 ގައި ޓޮޕް މޮޑެލްސް މޯލްޑިވްސް ވެސް ކާމިޔާބު ކޮށްފައެވެ. އޭގެފަހުން މިސްރުގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓޮޕް މޮޑެލްގައި ބައިވެރިވެ ޝައިނާ ވަނީ އެ މުބާރާތުން ”ނިއު ފޭސް“ ގެ މަގާމުވެސް ހާސިލުކޮށްފައެވެ.



