ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޖޭހުން ބައިރަމޯވް އާ ބައްދަލުކުރައްވާ، ރާއްޖެއާއި އަޒަރުބައިޖާންއާ ދެެމެދު މުހިންމު ދެ އެއްބަސްވުމެއްގައި މިނިސްޓަރ ސޮއިކޮށްފިއެވެ.
މި ބައްދަލުވުން އޮތީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫ ގައި ކުރިއަށްދާ ކޮންފެރެންސް އޮފް ދަ ޕާރޓީސް އޮފް ދަ ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ހަވާސާގައެވެ.
އެގޮތުން ސޮއިކުރެވުނު ”އެގްރީމެންޓް އޮން މިއުޗުއަލް އެގްޒެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓް ފޯރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، ސަރވިސް އެންޑް އޮފިޝަލް ޕާސްޕޯޓްސް ބިޓްވީން ދަ ގަވަރންމެންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒެރްބައިޖާން“ އަކީ ދެޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސޮއިކުރެއްވުނު އެެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް ވިސާ އާއި ނުލައި އަޒަރުބައިޖާން އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންދިއުމަށްވެސް ދެ ވަޒީރުން ވަނޛ އެއްބަސްވެލައްވާފައެވެ.
މީގެއިތުރުން، ސޮއިކުރެއްވި ”މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޓުއަރިޒަމް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒެރްބައިޖާން“ އަކީ އިޤްތިޞާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރާއިއެކު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މުހިންމުކަމާއި، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ސަގާފީ ގުޅުންތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައިވެސް ދެޤައުމަށް ފައިދާވަނިވި މައްސަލަތަކުގައި ދިވެހިރާއްޖެއިން އަޒަރުބައިޖާންއާއިއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.



