ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތަކަށް އެއް ލައްކައަށްވުރެ ގިނަ ފަހަރު ގޮސް ހާލަތުބެލި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިންގާ ގޭންގު ކުށްތަކުގެ މައްސަލަ އާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ގޭންގް ކްރައިމް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ ސުޕަރ އިންޓެންޑަންޓް އޮފް ޕޮލިސް އާރިފް ވަނީ ގޭންގުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކެއް ހިއްސާކުރައްވާފައެވެ.
އެގޮތުން އާރިފް ވިދާޅުވީ ގޭންގުތަކާއި ގުޅުންހުރި އެކި އެކި ލޮކޭޝަންތަކުގެ 20،597 މީހަކު ހުއްޓުވައި ސުވާލުކުރެވިފައިވާކަމަށެވެ. އެގޮތުން 18 އަހަރު ފުރިފައިވާ 5449 މީހަކާއި 18 އަހަރުން ދަށުގެ 307 މީހަކާއި ސުވާލުކުރެވިފައިވާ ކަމަށެވެ. އަދި 2315 ފަހަރަކު ތަކުރާރުކޮށް މިފަދަ ތަންތަނުން ފާހަގަކުރެވުނު ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންގެ މުއައްސަސާއިން ވަނީ މި މައްސަލައަށް ހައްލެއް ގެނައުމުގެ މަގުސަދުގައި 2658 އުޅަނދެއް ހުއްޓުވާފައި ސުވާލުކޮށްފައިވާ ކަމަށް ވެސް އާރިފް ވިދާޅުވިއެވެ. މިގޮތުގެ މަތިން 3043 ފަހަރުގެ މަތިން އިސްވެ ދެންނެވި އުޅަނދުތައް ހުއްޓުވިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ސުޕަރ އިންޓެންޑަންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ގޭންގުތައް އެއްވާކަމަށް ފާހަގަކުރެވޭ ތަންތަން ބަލައި އެ ސަރަހައްދުތަކަކީ އާންމު ރައްޔިތުންނަށް އަމާން ތަންތަން ގޮތުގައި ހެދުމުގެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފުލުހުންވާނީ 106174 ފަހަރުގެ މަތިން އެކި އެކި ލޮކޭޝަންތަކަށް ގޮސް އެތަންތަނުގެ ހާލަތު ބަލައި ދެނެގަނެފައިކަމަށެވެ.



