ބައިސްކޯފުން މިފަހުން ގެނެސްދިން ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބުނު އެއް ސީރީޒް ކަމަށްވާ ”ޔާރާ“ ރޭގައި އެއްކޮށް ނިމިއްޖެއެވެ.
ޖުމްލަ ހަތަރު ސީޒަނަކަށް ބެހިގެން ދިޔަ މި ސީރީޒަކީ މިހާތަނަށް ފިލްމީ ދާއިރާގެ އެންމެ ގިނަ ކާސްޓުން ހިމަނައިގެން އުފައްދާފައިވާ ސީރީޒްއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެގޮތުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މި ސީރީޒްގެ ކޮންމެވެސް އެއް މަންޒަރަކުން ނަމަވެސް ފެންނާނެ ކަމަށް މި ސީރީޒް ޕްރޮޑިއުސް ކޮށްފައިވާ ”އާރް ޓޫ ޒެޑް“ އިން ބުނެފައިވެއެވެ.
ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރ އައިޝަތު ރިޝްމީ ޑައިރެކްޓު ކޮށްފައިވާ ”ޔާރާ“ ގެ ސްކްރިޕްޓު ލިޔެފައިވަނީ ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބުނު ”އެހެނަސް“ ވެސް ލިޔުނު ކުޅަދާނަ ލިޔުންތެރިޔާ އަހްމަދު އިޤްބާލް (އައިކިޔު) އެވެ.
މި ސީރީޒްގައި ހަރަކާތްތެރިވެފައިވާ މުހިންމު އެކްޓަރުންނަކީ ރިޝްމީގެ އިތުރުން އަހްމަދު އަޒްމީލް (އަޒޭ)، މަރިޔަމް އައްޒަ، މުޙައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާ އާދަމް، މަރިޔަމް ވަހީދާ (ޔަމް)، ހުސެއިން ޝަދްޔާން (ސޭންޑީ) އަދި އިސްމާއިލް ޖުމާހް (ޖުމާ) އެވެ. މި ތަރިންގެ އިތުރުން މުޅި ސީރީޒްގައި ވަރަށް މުހިންމު ރޯލުތަކަކުން ފެނިފައިވަނީ ޢަލީ ސީޒަން، ޝަރަފް ޢަބްދުﷲ، އައިމިނަތު ރިޝްފާ (ބަބްލްސް)، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހްމަދު ޝާރިފް، ލަމްހާ ލަތީފް (ލަމް)، ނަތާޝާ ޖަލީލް (ނަތާ)، ޝަހާ އަދުނާން، މައިހާ، ސިލްނާ، މަލީހާ ވަހީދު (މަލް) ޒުލެއިޚާ މަނިކެ، މަރިޔަމް ހަލީމް، އަބާން ނާޒިމް، އަހްމަދު އިޝާރް، އައިޝާ، އައިޝާ އަލީ، އާސިމް އަދި ޝާއިފް އެވެ.

ދިގު 50 އެޕިސޯޑު ހިމެނޭ ”ޔާރާ“ ސީރީޒް ނިންމާލިއިރު، މި ސީރީޒް ވެގެން ގޮސްފައިވަނީ އެންމެ ގިނަ ބަޔަކު ބެލި އަދި އެ ސީރީޒެއްގެ އައު އެޕިސޯޑަކަށް ކޮންމެ ހަފްތާއަކު ވެސް ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ސީރީޒަށެވެ.
”ޔާރާ“ ގައި ދައްކުވައި ދީފައިވަނީ އެކި މީހުންގެ ދިރިއުޅުން ބިނާވެފައިވާ ގޮތުގެ މައްޗަށެވެ. އެކަކު އަނެކަކާއި ގުޅިފައި ހުންނަވަރާއި އެއަށްވުރެ ބޮޑަށް އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރަން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ. ތިމާގެ ބައިވެރިޔާ ކައިރިން އެތައް ކަމެއް ފެނިދާނެކަމާ، އެކަންކަމާ ކުރިމަތިލާ އެކަންކަން ހައްލު ކުރާނެ ނުވަތަ ހަމަޖައްސާނެ ގޮތްތަކެއް މި ސީރީޒުން ދައްކުވައިދީފައިވެއެވެ.
ރޭގައި މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑު ބައިސްކޯފުން ދައްކާފައިވާއިރު ”ޔާރާ“ ގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ބައިސްކޯފުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޚާއްސަ ޚަފްލާއެއް ވެސް ބާއްވާފައެވެ. އެ ޚަފްލާގައި ބައިވެރިވި ”ޔާރާ“ ގެ ކާސްޓުންނަށާއި ޚާއްސަ މެހެމާނުންނަށް ”ޔާރާ“ ގެ އެންމެ ފަހު އެޕިސޯޑުވެސް ދައްކާލާފައިވެއެވެ.



