ރޭ ހުޅުމާލޭގައި ހުންނަ މަޝްހޫރު ރާކަނި ބީޗް ކެފޭގައި ކާން އިން މީހަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
”އެމްވީ ކްރައިސިސް“ އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖް އިން ފެންނަ ގޮތުގައި ރާކަނި ބީޗުގައި މީހަކު ކާން އިންދާ ބޭރުން އައި މީހަކު އެތަނުގައި ހުރި ގޮނޑިއަކުން އޭނާ އަށް ހަމަލާދޭ މަންޒަރު ފެނެއެވެ. އަދި އެއަށް ފަހު ދެމީހުންގެ މެދުގައި މާރާމާރީ ހިންގާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ ރޭ ރާކަނި ބީޗުގައި ދެމީހެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، މި މައްސަލަ އާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލުމާތު ދިނެވެ.



