ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތާއި ހަވާލުވި ސައިނޯ ހައިޑްރޯ ކޯޕަރޭޝަން އަކީ މީގެ ކުރިންވެސް ރާއްޖޭގައި ގިން ޕްރޮޖެކްޓުތަކެއް ހިންގާފައިވާ ކުންފުންޔެކެވެ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޔާ ހަވާލު ކުރުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރައީސް އޮފީހުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަންސް ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރ ޕެން ގުއާންޝޫއެވެ.
މި މަޝްރޫއު ގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. މި ޓަވަރު ތަކުގައި ހުންނާނީ 2 ކޮޓަރީގެ 772 ފްލެޓާއި، 3 ކޮޓަރީގެ 336 ފްލެޓް ކަމަށް ކޮންސްޓްރަކްޝަންސް މިނިސްޓްރީ އިން މައުލޫމާތު ދިނެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެމީހުން ދިރިއުޅޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، ބ. އަތޮޅު ގައި ހުރި ގިނަ އަދަދެއް ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އޭދަފުއްޓަކީ އެންމެ ރަނގަޅު އެއް ރަށް ކަމަށެވެ.
މީގެ އިތުރުން އޭދަފުއްޓަކީ ސިއްހީ ހިދުމަތް އެކަށީގެންވާ މިންވަރަށް ދެމުންދާ ރަށެއް ކަމަށާއި، ކަނޑު މަގުންނާއި ވައިގެ މަގުން މާލެއްށް ދަތުރުކުރުމަށް ފަސޭހަ ރަށެއް ކަމަށް ވުމުން، އާބަން ސެންޓަރެއްގެ ގޮތުގައި، އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމަށް އޭދަފުއްޓަކީ މުހިންމު ރަށެއް ކަމަށް މިނިސްޓަރ މުއްތަލިބް ފާހަގަ ކުރެއްވިއެވެ.



