ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއެކު ބޭރު ދުނިޔޭގައި ރާއްޖެއިން ތަމްސީލްކުރަމުންދާ ކަންކަމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގައި ބޭއްވި ކޮޕް-29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރާއްޖެ ވަޑައިގަތުމަށްފަހު މީޑިއާ އާއި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިދެދަތުރުފުޅުގެ ތެރެއިން ވަރަށް ބޮޑަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަރަކާތްތެރިކަން ފާހަގަވެގެން ދިޔަކަމަށާއި، އެގޮތުން އެމަނިކުފާނުގެ މަސައްކަތްޕުޅުން ރާއްޖޭން ބައިވެރިވާ އެކިކަންކަމުގައި އިސްދައުރެއް އަދާ ކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
”އެކްޓިވް ކޮށް ވަރަށް ބިޒީކޮށް އުޅުއްވަން ރައީސް ބޭނުންފުޅު ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހަރަކާތްތެރިކަމާއެކު، ރާއްޖެއަށް ލީޑް ރޯލެއް ވަރަށް ގިނަ ކަންތައްތަކުގައި ކުޅުމުގެ ފުރުސަތު އިންތިޒާމު ކުރި ފަރާތްތަކުންވަނީ ދެއްވާފައި. މިކަމުގެ ސަބަބުން ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖެއަށް ގިނަ އެހީތައް ލިބުމުގެ މަގު ތަނަވަސް ވެގެން ދާނެ “ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި އަރަބި-އިސްލާމީ ޤައުމުތަކުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރީޖީ ވަޒީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ރާއްޖޭން ވަނީ ފަލަސްޠީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކަލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާފައެވެ.




