ހުޅުމާލޭ ކެފޭއަކަށް ރޭ ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ރާކަނި ބީޗްގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއާ ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީސްމީޑިއާގައި މިމާރާމާރީގެ ވީޑިއޯ އާއްމުވެފައިވާއިރު، ވީޑިއޯއިން ދެ މީހަކު ކެފޭއެއްގެ ތެރޭގައި އިށީނދެގެން ތިއްބައި ސައިކަލެއް އައިސް ކެފޭ ކުރިމައްޗަށް މަޑުކޮށް، އޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކެފޭގެ ތެރެއަށް ވަދެ، ހުސް ގޮނޑިއެއް ނަގައި، އިށީނދެގެން އިން މީހެއްގެ ގައިގައި ޖަހާތަން ފެނިގެންދެއެވެ. އަފި ފަހުން، ބޭރުގައި ސައިކުލުގައި އިން އަނެއް މީހާވެސް އެ މީހުންގެ ދޭތެރެއަށް ވަދެ، އެކަކު ކޮށްޕާލާ ތަން ފެނިގެންދެއެވެ.
މިމާރާމާރީ ހުއްޓުވާފައި ވަނީ އެވަގުތު ކެފޭގައި ތިބި ބަޔަކުއެވެ.



