މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް ލިބިގެންދާ ބާރު ގެއްލިގެންދާނެކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ބުނެފިއެވެ.
އައިއެފްޖޭއާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އާއްމުކޮށްފައިވާ ޖޮއިންޓް ސްޓޭޓްމަންޓުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މީޑިއާގެ މިނިވަން ކަމަށާއި މީޑިއާ ރެގިއުލޭޝަނަށް އޮތް ބިރެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، މިބިލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އޮންނަ ނޫސްވެރިންގެ މުހިންމު ދައުރު ނިގުޅައިގަތުމަށް މަގުފަހިވެގެން ދާނެ ކަމަށް ބުނެފައިވެއެވެ.
މިއާއިއެކު، އައިއެފްޖީއިން ވަނީ ޑިމޮކްރަސީ އާއި މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެ ބިލް އިސްލާހު ކުރުމަށް މީޑިއާގެ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކާއެކު އަވަސް މަޝްވަރާތައް ފެށުމަށް ގޮވާލައިފިއެވެ.
މިބިލާއި ގުޅިގެން އެމްޖޭއޭއިން ވަނީ މީޑިއާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިން ޖަވާބުދާރީ ކުރުވުން ހިމެނޭތީ މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ހައްގު އޮންނަން ޖެހޭނީ އިތުރު އެއްވެސް ބައެއްގެ ނުފޫޒެއް ނެތި، މީޑިއާތަކުން އެކަން ކުރެވޭނެ ގޮތެއްގައި ކަމަށް ފާހަގަކޮށްފައެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުތަކުން ވެސް މީޑިއާގެ މައްޗަށް ނުފޫޒު ފޯރުވައި ބައެއް މީޑިއާތައް ބަންދު ކުރަންޖެހުނުކަން ފާހަގަކޮށް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލި މީގެ އެތައް އަހަރެއް ކުރީގެ ހާލަތަށް ގޮސްދާނެ ކަމަށް އައިއެފްޖޭ އާއި އެމްޖޭއޭއިން ހުށަހަޅާފައިވާ ސްޓޭޓްމެންޓުގައި ބަޔާންކޮށްފައިވެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ގޮތުން ހުށަހެޅުއްވާފައިވާ ބިލުގައި ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހުން ތިބޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.


