ޒަމާނީ ގިނަ ޚިދުމަތްތަކަކާއިއެކު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހޮސްޕިޓަލު ހުޅުވުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އާ ޚިދުމަތްތައް ތަޢާރަފްކޮށްދިނުމާއި މިހާރު ދެމުންދާ ޚިދުމަތްތައް ކުރިއަރުވައި، މިދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙަލީމް ވަނީ މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިންނާއި ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމަށް ރައީސް ޑރ. މުޢިއްޒު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
”ހުޅުމާލެ ހޮސްޕިޓަލް ލެވެލް 2 ގެ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަމުންދިޔަޔަސް، ހުޅުމާލޭގެ ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ހަމައެކަނި ސަރުކާރު ހޮސްޕިޓަލުކަމަށްވާތީ، ރައީސް ޚާއްސަ އިސްކަމެއްދެއްވާ. ރައީސް ދެއްވި އަހަންމިއްޔަތުކަމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރެވި ހުޅުވިގެން މިދަނީ.“ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މިއަދު ރަސްމީކޮށް ހުޅުވާފައިވާ ހުޅުމާލޭ ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް އެ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ޤާއިމްކޮށްފައިވާއިރު، ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިން ކޮޓަރިއެއް ވެސް ގާއިމުކޮށްފައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ތިއޭޓަރ ކޮމްޕްލެކްސްއާއެކު ލެޕަރަސްކޯޕިކް ސަރޖަރީތައް ފަސޭހަކަމާއި އިތުބާރާއެކު ކުރެވޭނެ މަގުފަހިވެގެންދާނެއެވެ.
މީގެއިތުރުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ވިއުގަ ފުޅާކުރުމުގެގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މި ތިއޭޓަރުތަކުގައި ސަރޖަރީތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މިހޮސްޕިޓަލިގައި 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު، އައިސީޔޫ ރޫމެއް ޤާއިމްކޮށްފައިވާއިރު، އަދި މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކުރެވިފައެވެ.
ހަމައެއާއެކު، އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް 14 އެނދުހުރި ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ހުންނާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓާރޝަރީ ހޮސްޕިޓަލުގައި ހިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރުމަށް ޚާއްސަކޮށްގެން ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއް ވެސް ގާއިމުކޮށްފައިވެއެވެ.



