ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ޤައުމަށް ލިބިފައިވާ ކުރިއެރުންތަކަށްޓަކައި އެ މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވައި، ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގަތީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހޭ ކޮންމެ ކަމެއް ފަސްޖެހިވަޑައިނުގެން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށެވެ.
އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގައިތްއިރު ކުރެއްވި ހުވަޔާއި ދެއްވި ޔަގީންކަމާއި އެއްގޮތަށް، އެތެރެއާއި ބޭރުގެ ނުފޫޒުތަކަށް ބެއްލެވުމެއް ނެތި، ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ގައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން އެކަނިވެސް، ގައުމާއި ރައްޔިތުންގެ ދެކެ އެ މަނިކުފާނުގެ ހިތުގައި އޮތް ލޯބި ހާމަވެގެންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
“ ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމަވަންޖެހޭ ނިންމެވުންތައް ނިންމަވައި، އެކަންކަން ތަންފީޛު ކުރައްވަމުން ގެންދަވާ ހަލުވިކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމަވައި، ތަންފީޛުކުރެއްވުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާމެދު، ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ފަޚުރުވެރިވަން. “ ރައީސް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރަށް އެއް އަހަރު ފުރުން ދުވަހެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އުންމީދުތަކާއި އާ ކާމިޔާބީތަކުގެ ފެށުމުގެ އަހަރު ފުރުން ދުވަސް ކަމަށެވެ. އަދި މި ސަރުކާރަކީ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދިނުމުގައި ފަސްޖެހުމެއް ނެތި މަސައްކަތް ކުރަންކެރޭ އަދި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ކަމަށްވެސް ފަހުމީ ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވިއެވެ.



