ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން މިއަދު ބޭރު ދުނިޔޭގެ އިހުތިރާމާއި ލޯބި ރާއްޖެއަށް ލިބެމުންދާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް އެއް އަހަރު ދުވަސް ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޚާއްސަ ކަވަރޭޖެއްގައި ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނަށް މިއަދު ލިބެމުންދާ ހުރިހާ ފުރުސަތުތަކެއް ވެސް ލިބެމުންދަނީ ރައީސް މުޢިއްޒު އެމަނިކުފާނަށް ވަރަށް އިތުބާރު ކުރައްވާތީ ކަމަށެވެ.
އެގޮތުން އެ ފުރުސަތުތަކުގައި ބައިވަރު ދަތުރުތައް ވެސް ކުރެވިފައިވާ ކަމަށާއި އެކި ފޯރަމްތަކުގައި ވެސް ބައިވެރިވެވިއްޖެކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އޭގެން ކޮންމެ ބައެއް ވެސް މަސައްކަތް ކުރައްވަނީ އެބައެއްގެ ނެޓްވޯކުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކާ އެއްކޮށް ކަމުގައި ވެސް ނައިބު ރައީސް ހުސެއިން ލަތީފު ވިދާޅުވިއެވެ.
”އެބޭފުޅުން މިއަދު އަަަޅުގަނޑުމެންނަަށް ކުރާ އިހުތިރާމް، އަޅުގަނޑުމެންނާ ދޭތެރޭ ދެކޭގޮތް ފާހަގަ ކުރެވޭ. އެންމެންވެސް ޤަބޫލު ކުރަނީ އެބޭފުޅުންގެ ހިތޭ ދިވެހިރާއްޖެއަކީ. އެހާވެސް ލޯބިވާ ޤައުމެއްގެ ގޮތުގައި އެބޭފުޅުން އަޅުގަނޑުމެން ސިފަކުރައްވަމުން އަންނަނީ. އެހެންވީމަ މިތަނުގައި އޮތް ހަމަޖެހުމާއި، ދިވެހި ރައްޔިތުންގެ މިޒާޖާއި ހުންނަ ޚުލްގުތަކުގެ ރީތިކަމުގެ ވާހަކަ އަޅުގަނޑުމެންނާ ހިއްސާ ކުރައްވަމުން ދަނީ. ޚާއްސަ ގޮތެއްގައި މިއަދު ސަރުކާރުން ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވަމުން އަންނަ ގޮތް އެބޭފުޅުންނަށް ވަރަށް ކަމުދޭ“ ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އެދޭ އެއްވެސް ކަމަަކަށް އޭގެން އެއްވެސް ފަރާތަކުން ނޫނެކޭ ބުނެފައިވާތަން މިއަދު ނުފެންނަ ކަމަށެވެ.




