ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު ހެންވޭރު ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމައްސަލަ އާއި ގުޅިގެން ހ. ސަމާރ ގްރީން އިބްރާޙިމް ޒަކަރިއްޔާ (33އ) އަދި ސ. ހިތަދޫ/ ކުރިބޯޝިގެ، މުޙައްމަދު ޒަރީރް (36އ) ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިދެ މީހުން އެގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކްސް އާއި ބައެއް ތަކެތި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދައިފައިވާ ކަމަށެވެ. އެގޮތުން ހޯދާފައިވާ ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކަކާއި ޓެބްލެޓް ތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން އެހެނިގެން ތަކެތި ހިމެނެއެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އިބްރާޙިމް ޒަކަރިއްޔާ އިއްޔެ އަދި މުޙައްމަދު ޒަރީރު މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




