މީޑިއާ ކޮމިޝަންގެ ބިލާއި ގުޅިގެން ނޫސްވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ މިބިލާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑިއައްސަވާފައެވެ.
މިބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީޑިއާ ކޮމިޝަންގެ ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރު ހުށަހަޅުއްވާފައި ބިލުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ހިމަނާފައިވާއިރު، މިކޮމިޝަނުގައި ޖުމްލަ 7 މެންބަރު ތިބޭއިރު، އޭގެތެރެއިން 4 މެންބަރުންނަކީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މީޑިއާތަކުން އައްޔަންކުރާ ބާކީ 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުން ކަމަށާއި، މި 3 މެންބަރުން އައްޔަންކުރުމަށް ވޯޓު ދެވޭނީ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށް ވެސް މިބިލުގައި ހިމަނާފައިވެއެވެ.
މިބިލުގައި މީޑިއާތަކުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބިގެންވާނޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.



