’ދާލަން ކެރިއަރ އެކްސްޕޯ 2024‘ ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސްޓޯލުތަކަށް 3000 އަށް ގިނަ މީހުން ޒިޔާރަތްކޮށް ބޮޑުތަރުހީބެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިންތިޒާމް ކޮށްގެން ހުޅުމާލެ، ސެންޓްރަލް ޕާކުގައި 15 އިން 16ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން 600 މީހުން ވަނީ ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާއިރު، އިންޓަރންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި 103 މީހަކު ވަނީ ފޯމު ފުރިހަމަ ކޮށްފައެވެ.
މިއެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ 20 ޑިޕަރޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ކުރެވޭ މުހިއްމު މަސައްކަތްތައް ދައްކާލާފައިވާއިރު، މިއެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މިފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އެކުންފުނީގެ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފްއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ބާކީ ހުރި އެޕްލިކޭޝަންތައްވެސް ޕްރޮސެސް ކުރުމަށްފަހު އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރެވިގެންދާނެއެވެ.
މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓާރ ކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕާއި ހަދިޔާކޮށްފައިވާއިރު، އިތުރު 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައިވާކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ގުޅުވައި ދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައިވދާލަން ކެރިއަރ އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ ބައިވެރިވެފައިވަނީ ރާއްޖޭގެ އިގްތިސާދާއި، ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.



