ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭ ގޮތް ހަދައިދެވޭނެ ކަމަށް ޕޮލިސް ކަމިޝަނަރުއަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް މިއަދު އެއް އަހަރުވީއިރު ފާއިތުވި އެއް އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފާއިތުވި އެއް އަހަރު ތެރޭގައި ރާއްޖޭގެ 23 ރަށެއްގައި ފުލުހުންގެ ހިދުމަތް ފެއްޓިފައިވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިވަގުތު ރާއްޖޭގެ 147 ރަށެއްގައި ފުލުހުންގެ ހިދުމަތް ދެމުންދާ ކަމަށެވެ.
މީގެއިތުރުން މުޅި ރާއްޖޭއަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ބެހޭ ގޮތުން ސީޕީ ވިދާޅުވީ ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭ ގޮތް ހެދުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެކަން ހާސިލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.




