ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުވާދެއްވައިފިއެވެ.
ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވާދެއްވައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސައްކަތް ރަސްމީކޮށް ފެށުން ވެގެންދާނީ ދިވެހި ޤައުމިއްޔަތަށް ހޭލުންތެރި އާ ޒަމާނެއް އައުންކަމުގައެވެ.
ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސައްކަތް ރަސްމީކޮށް ފެށުމަކީ، ދިވެހި ޤައުމިއްޔަތަށް ހޭލުންތެރިކުރުވުމުގެ އައު ހަރަކާތްތެރިކަމެއްގެ ފެށުން ކަމަށާއި، އެކަމުގެ ސަބަބުން ޤައުމާމެދު ހެޔޮ ވިސްނުންތަކެއް އުފެދި، މާތް ﷲގެ އިރާދަފުޅާއެކު، އުފާވެރި މާދަމާއަކަށް ޖާގަ ތަނަވަސްވާނެކަން ފާހަގަކުރެއްވިއެވެ.
މި ވަގުތަކީ ދިވެހި ޤައުމިއްޔަތަށް އައު ދިރުމެއް ލިބޭ ވަގުތެއް ކަމަށާއި، ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މާދަރީ އަމިއްލަ ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާއި އާދަކާދައާއި ސިލްސިލާކޮށް ގުޅެމުން ވާރުތަވަމުން އަންނަ ދިވެހީންގެ ހަނދާންތަކާއި ތަޖުރިބާތައް ކަމުގައި މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތު ދިރިގެން އައުމަކީ ދިވެހީން މާތްވެގެންވާ އިސްލާމްދީނުގެ އަޚްލާޤީ ގަހަނާއިން ޒީނަތްތެރިކޮށް، ދިވެހީންނަށް ދިވެހީންގެ އަމިއްލަ ބަހާއި ސަގާފަތާއި އާދަކާދައިގެ އަގުތައް މޭރުންވެ، ދިވެހީންނަކީ ތަހުޒީބު ހަރުދަނާ ވިސްނުންތެރި ބަޔަކު ކަމުގައިވުމުގެ އިތުރުން، ދިވެހީންގެ ފަސްގަނޑާއި ދިވެހީންނާއި ދިވެހި ދައުލަތުގެ ދެމި އޮތުން ކަށަވަރުކުރުމުގެ ޢިލްމީ ފިކުރު ދިވެހީންގެ ވިސްނުމުގައި ހަރުލަމުން، އަށަގަންނަމުން އެ ކަމަށް އަހުލުވެރިވަމުން ދިޔުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޢިލްމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.




