ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހިޔާ ޓަވަރެއްގެ 20 ވަނަ ފަންގިފިލާގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅޭކަން އިނގުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެއެޕާޓްމެންޓުގެ ދޮރު ވައްޓާލައިގެން ވަދެ، 12 މީހަކު ހައްޔަރުކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން އަހުމަދު ޒާހިދު 5 ދުވަހަށް، އަލްމަން އަލީ ހާލިދު އާއި މުހައްމަދު އިޒްކާން އަދި އިޒާން އަހުމަދު 8 ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓުން ވަނީ ބާކީ ތިބި އެންމެން ވެސް ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލަ އަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ދެބަސްވުމަކާއި ގުޅިގެން ހިނގައި ދިޔަ ހާދިސާއެކެވެ.
އުމުރުން 31 އަހަރުގެ މީހާ ރަހީނުކޮށްގެން ބަހައްޓާފައި ހުރި ފުލެޓަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ތަނެއް ކަމަށާއި މިމައްސަލައިގައި ފުލެޓުގެ ވެރި މީހާ ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


