ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް ޖެހޭނީ އަމަލުކުރަން ކަމަށާއި އެ ގަވައިދު ބަދަލުނުކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިއަދު ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެ ގަވާއިދު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ވިޔަފާރިވެރިންވެސް ޖެހޭނީ ގާނޫނާއި ގަވާއިދުތަކަށް ތަބާވާން ކަމަށެވެ.
”ނެތިން މި ގަވާއިދު ބަދަލުކުރާކަށް ނުކުރާނަން، ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލުނުކުރާނަމޭ، 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންވާނެ “ ރައީސް ވިދާޅުވިއެވެ.
އެމްއެމްއޭއިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގައި ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ވަނީ އަންގާފައެވެ. މިކަމާއި ދެކޮޅު ހަދައި ބައެއް ޓޫރިސްޓު ފެސިލިޓީތަކުގެ ވެރިން ވަނީ އެކަން ލިޔުމުން ސަރުކާރަށް އަންގާފައެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުގައި ބަޔާންކުރާ އުސޫލާއި ޚިލާފުވާ ވިޔަފާރިތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.



