ކުރީ ސަރުކާރުން އިގްތިސާދު މެނޭޖުކުރަމުން އައީ ޒިންމާދާރުކަމެއް ނެތި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރުގެ ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރަށް އެއް އަހަރު ދުވަސްވެފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވިޔަ ނުދީ އިގްތިސާދު ކުރިއެރުވުން ކަމަށެވެ.
ކުރީ ސަރުކާރުން ޒިންމާދާރުކަމެއް ނެތި އިގްތިސާދު މެނޭޖުކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ 8 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވާއިރު ފަސް އަހަރުތެރޭގައި ދައުލަތުން ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކާ ހާލަތަށް ވައްޓާލާފައިވާ ކަމަށެވެ.
މީގެ ސަބަބުން މިއަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ބުނަމުން އައިސްފައިވާއިރު، ސަރުކާރުން މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތް ކުރައްވަމުންދަނީ އިގްތިސާދު ބަނގުރޫޓުނުވެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ފައިސާ ޗާޕުނުކޮށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރަމުން މިއައީ ބަނގުރޫޓުނުވެ. އޭރުގައި އޮތް ސަރުކާރުން އަޅުގަނޑުމެންގެ ޤައުމުގެ އިގްތިސާދު ހަލާކުކޮށް އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނިންމުން ނޫނީ ކޮށްފައި އޮތް ކަންތައްތަކުން އަރައިގަނެ. އެހެންވީމާ މި ސަރުކާރުގެ މި 52 ހަފުތާގައި އަޅުގަނޑުމެން އެންމެން ގުޅިގެން ރައްޔިތުންނާއެކު ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މިހާލަތުން އަރައިގަތުން،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރު ނިންމާލަންޖެހިފައިވަނީ އެމްޑީޕީގެ ސުޕް މެޖޯރިޓީ އޮތް މަޖިލީހަކުން ގަސްތުގައި ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް ފާސްކޮށްފައި އޮތް ބަޖެޓަކުންކަން ކަމަށާއި އޭގެ ސަބަބުން މަޝްރޫއުތައް ހިންގަން ދަތިވި ނަމަވެސް މިއަހަރުވެސް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރަކީ މި ސަރުކާރުގެ ބަޖެޓަކާއެކު މަޝްރޫއުތައް ކުރިއަށްގެންދާނެ އަހަރެއް ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.



