ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިޑިއާ ކޮމިޝަންގެ ބިލަކީ ރައީސް ގަބޫލުފުޅު ކުރައްވާ ސިޔާސަތުތަކެއް އެކުލެވޭ ބިލެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބިލުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ސިޔާސަތުތަކެއް ނެތްކަން ފާޅުކުރައްވާ ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
”އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ މީޑިއާތައް ބާރުވެރިކުރުވުމަށް ކަމަށެވެ.
އެގޮތުން މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި މީޑިއާތަކަށް ފައިސާ ދޭން ހުށަހަޅާފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓެއްގައި މީޑިއާތަކަށް ފައިސާ ދިނުމަށް ހިމަނާފައިވާ ފުރަތަމަ ފަހަރުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ތެދުބަހުން މީޑިއާގެ ހަބަރުތައް ގެނެސްދިނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ ތެދު ކަމަށްވާނަމަ ކޮންމެ އެއްޗެއް ހާމަކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރުމަށް ހުށަހަޅާފައިވާއިރު، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.




