މިދިޔަ ސަރުކާރުން އިއުލާނުކޮށްފައިވާ ފްލެޓު ލިސްޓުގެ މަސައްކަތް ލަސްވަނީ ލިސްޓުގެ ސައްހަކަން ޔަގީންކުރާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން މިރޭ ކުރިޔަށް ގެންދާ ”ހަފުތާ 52 ފާހަގަ ކުރުމުގެ ރަސްމިއްޔާތު“ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފްލެޓު ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަން ކަމަށެވެ.
އެމީހަކަށް ލިބޭނެކަމަށް ގެޒެޓުކޮށްފައިވާ ގޯތި ނުވަތަ ފްލެޓެއް އަތުލުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް އޮޅުވައިލައިގެން އެކަމެއްކޮށްފައިވާނަމަ އެމީހެއްގެ އަތުން އެފްލެޓެއް ނުވަތަ ގޯއްޗެއް ކެންސަލް ވާނެ ކަމަށެވެ.
”އަޅުގަނޑު ދެންނެވީ ގެޒެޓުކޮށްފައި އޮތް އެއްވެސް ލިސްޓެއް އެއީ ގޯތިވިޔަސް ފްލެޓު ވިޔަސް އަތުލުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫނޭ. އެހެން ނަމަވެސް، އަބަދު ވެސް ކަންކުރާ އުސޫލުން ގަވާއިދާ ޚިލާފަށް އޮޅުވައިލައިގެން މަކަރުހަދައިގެން ޑޮކިއުމަންޓްސްތައް ނުލާ އެކަން ކޮށްފައި އޮވެއްޖެއްޔާ އެމީހަކު އަތުން ކެންސަލް ވާނެއޭ އެއީ އެންމެ ކުރީއްސުރެ ވެސް އެކަން ކުރާގޮތޭ،“ ރައީސް ވިދާޅުވިއެވެ.
ފްލެޓު ލިސްޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބެލި ބެލުމުން އުސޫލާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ފާހަގަވެފައިވާކަން ހާމަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ފްލެޓު ލިބޭގޮތަށް ޕޮއިންޓު އޮޅުވައިލާފައި ވާކަމަށެވެ.
މީގެއިތުރުން އުސޫލާ ޚިލާފަށް ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ފަރާތްތަކަށް ވެސް ފްލެޓު ދީފައިވާ ކަމަށާއި އެއް އާއިލާއެއްގެ ގިނަ މީހުންނަށް ވެސް އުސޫލާ ޚިލާފަށް ފްލެޓު ދީފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓް ލިސްޓު އިއުލާނު ކުރާއިރު މިއީ ކޮން ބައެއްކަން ހާމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަދަދުތަކަށް އެއްކޮށް އަޅުގަނޑުމެން ލިސްޓު ނެރޭއިރުގައި ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަށް އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު އަޅުގަނޑުމެން ހޮވުނު ގޮތް ވިޔަސް ނުހޮވުނު ގޮތް ވިޔަސް އޮންނާނެ،“ ރައީސް ވިދާޅުވިއެވެ.
ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް އެތަށް ކަމެއް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފްލެޓު ލިސްޓަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމަށާއި އެކަންކަން ބަލައި ނިމުނުހާ އަވަހަކަށް ލިސްޓު އާންމު ކުރާނެ ކަމަށެވެ.
”އަޅުގަނޑު މިހުރީ ﷲ ގަންދީއޭ ހުވާ ކޮށްގެން. ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ. އަޅުގަނޑު ކުރާނީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު ހުރިހާ ކަމެއް ވެސް،“ ރައީސް ވިދާޅުވިއެވެ.
ހަމައެއާއިއެކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ވެސް މިހާރު ގޯތިތަށް ދޫކޮށްފައިވާ ކަމަށާއި ދެން ގޯތި ދޫކުރަން ހުރި ތަންތަން ހިއްކައި ނިމުމުން އެ ގޯތިތައް ދޫކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



