ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އާ ގަވާއިދަށް ރިސޯޓުތަކުގެ އޯނަރުން ވެސް ތަބާވާން ޖެހޭނެ ކަމަށާއި އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އެމްއެމްއެ އިން އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރަން ދެކޮޅު ހަދައި ބައެއް ރިސޯޓު އޯނަރުން ވަނީ އެކަން ސަރުކާރަށް އަންގާފައެވެ. އަދި ގަވާއިދު ބަދަލުކުރަން އެދި ސަރުކާރަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.
އެގޮތުން ރިސޯޓު އޯނަރުން ބުނެފައިވަނީ ރިސޯޓުތަކުން މިހާރުވެސް ޓެކްސްގެ ގޮތުގައި ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އަދި އޭގެ އިތުރުން ޖީއެސްޓީއާއި ރިސޯޓު މުވައްޒަފުންނަށް ދޭ މުސާރައާއި ގްރީން ޓެކްސްއާއި ސަޕްލަޔަރުންނާއި އަދި މާކެޓިންއާއި އެހެނިން ހަރަދުތައް ވެސް ކުރަމުންދަނީ ޑޮލަރުން ކަމުން އެމްއެމްއޭގެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ސިޓީގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދު ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވިޔަފާރިވެރިންވެސް ޖެހޭނީ ގާނޫނާއި ގަވާއިދުތަކަށް ތަބާވާން ކަމަށެވެ.
”ނެތިން މި ގަވާއިދު ބަަދަލުކުރާކަށް ނުކުރާނަން، ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލުނުކުރާނަމޭ، 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންވާނެ“ ރައީސް މުޢިއްޒުގެ ގަދަބަސް ރޭގައި އިއްވިއެވެ.
އާ ގަވާއިދާ އެކު ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީން ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.



