ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އިޤްތިސާދު މެނޭޖުކުރަމުން އައި ޒިންމާދާރުކަމެއް ނެތި ކަމަށާއި، ކަންކަން ރާވާފައި އޮތީ ޤައުމު ބަނގުރޫޓުކުރުމުގެ މިސްރާބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުލު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި 8 ބިލއަން ރުފިޔާ ޗާޕުކޮށްފައިވާ އިރު ފަސް އަހަރު ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކަން ޖެހޭ ހާލަތަށް ޤައުމުގެ ކަންކަން ވައްޓާލި ކަމަށެވެ. އަދި މިގޮތަށް އިޤްތިސާދު މެނޭޖު ނުކުރެވި، މި އަހަރުގެ އޭޕްރިލް މަހާއި ހަމަޔަށް ޤައުމު ބަނގުރޫޓުވާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދިޔައީ ބުނަމުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތް ކުރަމުންދަނީ އިގްތިސާދު ބަނގުރޫޓު ވިޔަ ނުދީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރައް އެއް އަހަރު ފުރުނު އިރު ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވެސް ރައިސް ފާހަގަ ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރު ނިންމާލަން ޖެހިފައި މިވަނީ ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް ފާސް ކޮށްފައި އޮތް ބަޖެޓަކާއި އެކު ކަމަށެވެ. އަދި އޭގެ ސަބަބުން މަޝްރުއޫތައް ހިންގަން ދަތިވި ނަމަވެސް މި އަހަރު ތެރޭގައި ގިނަ ކަންކަން ހާސިލު ކުރެވިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި ކުރިޔަށް އޮތް 2025 ވަނަ އަހަރަކީ މި ސަރުކާރުން ހުށަހެޅި ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ބަޖެޓާއިއެކު ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަށް ގެންދާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.



