ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިވެފައިވަނީ އައްޑޫސިޓީގެ ހިތަދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެތް އޮފީހުން) ހާމަކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދުވަސްވަރާ ދިމާކޮށް މިސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސަރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ އައްޑޫސިޓީގެ ހިތަދޫ ކަމަށާއި އެރަށަށް 110 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.


