މިސަރުކާރަށް އެއް އަހަރު ދުވަސް ވިޔަސް މިސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކަށް އަދި އެއް އަހަރު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2025ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސްކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މިމަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނުތާ، މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވަރަށް ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ސަރުކާރުން އަޅާފައިވާ އެންމެ މުޙިންމު އެއް އިސްލާހީ ފިޔަވަޅަކީ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެޅުއްވި ފިޔަވަޅުކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އެމްއެމްއޭއިން ޑޮލަރު މާރު ކުރުމާއިބެހޭ ގަވާއިދު އިއުލާނު ކުރުމަށްފަހު ޕީއެންސީގެ މެންބަރުންނާއި ބައްދަލުކުރައްވާ އެފިޔަވަޅާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވި ކަމަށެވެ.
”އެބައްދަލުވުމުގައި ގަވަރު ވިދާޅުވީ ތިމަންނަ މަގާމާއި ހަވާލުވެގެން ކުރީގެ ގަވަރުނަރު ކޮށްފަ ހުރި މަސައްކަތް ބެލިއިރު 20 އަހަރު ދުވަސް ވެއްޖެއޭ ކޮންމެ ގަވަރުނަރެއް ވެސް ވަޑައިގެން ހަމަ މިމަސައްކަތް ކުރައްވާތާ. އެކަމަކު މިކަން ވާނޭ އެއްވެސް މަގެއް މަޓީއަކުން ވެސް އަދި އިންޑަސްޓްރީގެ އެއްވެސް މީހަކު ވެސް ނުދެއްކި“ މެންބަރު ނާޒިމް ވިދާޅުވިއެވެ.
މިހާރު ގަވާއިދެއް ހެދި ނިންމުމެއް ނިންމިފައިވާކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ދެން އޮތީ އެނިންމުން މަތީ ދެމިތިބެގެން އެކަމަށް އަމަލުކޮށްގެން އެކަން އިސްލާހުކުރަން މަސައްކަތް ކުރުން ކަމަށާއި އެގޮތަށް އަމަލުކުރެވިއްޖެ ކަމުގައިވާނަމަ އިޤުތިސާދު ރަނގަޅުވަމުންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.




