ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި 4،000 ފުލެޓުގެ މަސައްކަތް އެއްކޮށް ނިންމަން އަދި އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕިއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ ކޮމިޓީތަކުގައި އިންނަވާ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަށް ބަލާއިރު ބޯހިޔާވަހިކަމުގެ ކަންކަން ގޮސްފައި އޮތީ ވަރަށް ދޯދިޔާކޮށް ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެފްޑީސީގެ ފަރާތުން އިމާރާތްކުރަމުންދާ 4،000 ފުލެޓުގެ މަސައްކަތް ނިންމަން އަދި އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާކަމަށެވެ.
އެގޮތުން ފުލެޓުތަކުގައި ކަރަންޓުލުމާއި، ފެން ގުޅަންށާއި ފްލެޓުގެ ސެކިއުރިޓީއަށް ބޭނުންވާ ފައިސާ ހިމަނާފައިވާ ނުވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ 4،000 ފުލެޓުތަކުގެ ތެރެއިން 2،000 ޔުނިޓު އަޅަން ހަމަޖެއްސި ފައިސާއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓު ދައްކާގޮތަށް ހަމަޖެއްސި ފައިސާ ކަމަށާއި، ސަރުކާރުން އިތުރަށް ދައްކަންޖެހޭ 15 ޕަސެންޓު އަދިވެސް ނުދެއްކޭ ކަމަށެވެ.
”ފުލެޓުތަކުގައި ކަރަންޓު ލާކަށް ފައިސާ ހިމަނާފައެއް ނެތް. ފެން ގުޅާކަށް ފައިސާ ލާފައެއް ނެތް. އެތަނުގެ ސެކިއުރިޓީއަށް ބޭނުންވާ ކަންކަން ހިމަނާފައެއް ނެތް. އެހެންވީމަ އެތަނަށް މީހުން ވައްދަނީ ކިހ
ކިނެއްތޯ؟ އަދިވެސް އެތަނަށް މީހުންނަށް ވަދެވޭ ގޮތެއް ނެތޭ. އަދިވެސް އެ ފައިނޭންސް ހަމައެއްވެސް ނުޖެހޭ“ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ކަންކަން ކުރީ ސަރުކާރުން ކޮށްފައި އޮތީ އެއްވެސް ދެކޮޅުޖެހޭ ގޮތަކަށް ނޫން ކަމަށެވެ.




