ވަކި ބަޔަކަށް ފައިދާވާގޮތަށް އާސަންދައިން ހަދާފައިވާ އެއްބަސްވުންތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2025ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ މިހާރު ޤައުމުގެ އިގްތިސާދީ ހާލަތު އޮތީ ބޭނުންވާގޮތަށް ކަންކަން ކުރެވޭގޮތަކަށް ނޫން ކަމަށާއި މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އިގްތިސާދު ރިސެޓް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ސިލްސިލާކޮށް ހުށަހަޅާ ތިން ބަޖެޓުން ކަމަށެވެ.
މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އާސަންދައަށް ރަނގަޅު ބަދަލެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އާސަންދަ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރެމުންދާ ކަމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލިބެލުމުން އާސަންދަ އޮތީ ރިފޯމް ކުރެވޭވަރަށްވުރެ ހާލަތު ގޯސްކޮށްކަން ހާމަވެފައިވާ ކަމަށެވެ.
”އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެހެން ވިސްނުމެއް ގެންގުޅެން. އަޅުގަނޑުމެން އެއަރ މޯލްޑިވްސްއާއި އެހެން ކުންފުނިތައްވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުންބަލުން ފަށަންވީކަމާދޭތެރޭ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،“ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އާސަންދަ އާއި ބޭރުގެ ހޮސްޕިޓަލްތަކާމެދު ވެފައިވާ އެއްބަސްވުންތަކުގައި މެދުވެރިއަކުވާ ކަމަށާއި އެ ހޮސްޕިޓަލްތަކުން ނަގާ އަގުތަކަކީ ގަބޫލުކުރަން ދަތި ބޮޑެތި އަގުތަކެއް ކަމަށެވެ.
”އެހެންވީމަ ކޮންމެވެސް ބަޔަކަށް ބައިއެޅޭ ގޮތަށް ކޮށްފައި ހުރި އެގްރީމަންޓެއް މަތީގައި މި ސަރުކާރަކުން އަޅުގަނޑުމެން ދެމިތިބޭކަށް ނުޖެހޭ. އެހެންވީމަ އަޅުގަނޑުމެން އައު ކުންފުންޏެއް ހަދާފައިނަމަވެސް އެ އެގްރީމަންޓުތަކާ ވަކިވެ އަޅުގަނޑުމެން އެބަޖެހޭ އާސަންދަ ހަމަމަގަށް އަޅުވަން،“ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
އުފެއްދުންތެރިކަމާ އެއްވަރަށް ދަރަނި ކުޑަވާނެ ކަމަށް ދުރުރަސްތާގައި ލަފާކުރެވޭކަން ހާމަކުރައްވާ ނާޒިމް ވިދާޅުވީ އެކަން ނުކޮށް އިގްތިސާދު ހަމައަކަށް ނޭޅޭނެ ކަމަށެވެ. މިއާއިއެކު ނާޒިމް ވަނީ ސަރުކާރު ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރެއްވުމަށް ގޮވާލައްވާފައެވެ.




