އާންމު ޞިއްޙަތުގެ ދުޅަހެޔޮ ކަމަށްޓަކައި، ”ވޭޕް“ ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
މިއަދު މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސަރވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައެވެ.
މީގެއިތުރުން، މެޑަމް ސާޖިދާ ވަނީ ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެން، މިހާރުވެސް ކުރިއަށްގެންދަވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ.
އޮރެންޖް ހިޔާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ސިވިލް މުވައްޒަފު ކޭކެއް ފަޅާފައިވާއިރު، މެޑަމް ސާޖިދާ ވަނީ ހެލްތު މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެއްވާ ޝުކުރުގެ ބެޖު ޙަވާލުކޮށްދެއްވާފައެވެ.



