ސީ-ޓު-އެއަރ ކާގޯ ޚިދުމަތުން މިހާތަނަށް ރާއްޖޭގެ އިޤްތިސާދަށް 3 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މި ސަރުކާރުގައި ރާއްޖޭގެ އިގްތިޞާދު ހަރުދަނާކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ވަރަށް ބާރަށް ފުޅާ ވަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، މެއި މަހު ފެށި މި ޚިދުމަތުން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ މިއީ އިގްތިޞާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާއަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަޖީހު އިތުރަށް ވިދާޅުވީ މިހިދުމަތުން މިހާތަނަށް ކަނޑު މަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން 1،008،000 ކިލޯގެ މުދާ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވާފައިވާ ކަމަށާއި އެ މުދާ ރާއްޖޭން ބޭރަށް ގެންދަން 11 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށެވެ.
މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ކެނެޑާއާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ ގައުމުތައް ހިމެނޭއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖެއަށް އައި ކާގޯގެ އަދަދު 16 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކާފައިވާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. އަދި އެއީ ކޮންޓެއިނަޒް ކާގޯގެ 9 އިންސައްތަ އާއި ޖެނެރަލް ކާގޯގެ 22 އިންސައްތަ އިތުރުވުމެއް ކަމަށް ވެސް ވަޖީހު ފާހަގަކުރެއްވިއެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އެމްޕީއެލްއިން ފަށާފައިވާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. މި ޚިދުމަތް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެންނެވެ.


