އަންނަ އަހަރު ރާއްޖޭގެ ކޮންމެ ރަށެއްގައި ޕްރޮޖެކްޓުތައް ކުރިއަށްދާނެ ކަމަށާއި ތަރައްޤީގެ ޕްރޮޖެކްޓުތައް ހިންގަން ކަނޑއަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ ލިސްޓުގެ ތަރުތީބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖެކްޓް ލިސްޓުގައި ކުޑަ އަދަދެއް ޖެހުމުން އެ މަސައްކަތް ކުރިއަށް ނުގޮސް ހުންނަތަން މީގެ ކުރީގެ ބަޖެޓުތަކުން ފާހަގަވާ ކަމަށާއި ބަޖެޓުގައި ޖާގަ ނެތިގެން ނުވަތަ ކޭޝް ފްލޯ ނެތިގެން ޕްރޮޖެކްޓްތައް ހުންނަތަން ފެންނަ ކަމަށެވެ.
”އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ، މިހާރު މި ގެންގުޅޭ ލިސްޓުގައި ވެސް އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނެ. އަންނަ އަހަރު ތެރޭގައި ވެސް ޕްރޮޖެކްޓް ފަށަން ހުރިހާ ރަށެއް ސިޓީތަކާއި މާލެއާ ވެސް އެކުގައި އޮތީ ރޭވިފައި“ ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި އޭގެތެރެއިން އަލަށް ހިމަނާފައިވާ ޕްރޮޖެކްޓުތަކަށް 3 ބިލިއަން ރުފިޔާ ވެސް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.




