ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެގޮތުން މި މަސައްކަތް އާރްޑީސީއާ ހަވާލުކުރުމަށް، ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤް ހަލީމްއާއި އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހައިރުއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތާ ގުޅިގެން ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ އެ ހޮސްޕިޓަލުގެ އީއާރްއަށް ގިނަ އަދަދެއްގެ ބަލިމީހުން އަންނަ ކަމަށާއި ނަމަވެސް މިވަގުތު އެތަނުގައި ބޭނުން ކުރަނީ އެންމެ ހަތް އެނދު ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލަކީ ވެސް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށްވުމާއެކު ހަތް އެނދަކީ އެ ހޮސްޕިޓަލާ އެކަށީގެންވާ ވަރަށްވުރެ މަދު އަދަދެއްކަން ހަލީމް ފާހާގަކުރެއްވިއެވެ.
އެހެންކަމުން ޓާޝަރީ ހޮސްޕިޓަލެއް ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ކުރިއަށް ގެންދާއިރު އީއާރް ބޮޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިހާރު ބޮޑުކުރަނީ ހަތް އެނދުން 14 އެނދުގެ އީއާރްއަކަށް ކަމަށް ހަލީމް ވިދާޅުވިއެވެ.
އާރްޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރް ބޮޑުކުރުމުގެ މަސައްކަތް އާރްޑީސީއާ ހާވާލުކުރީ އެ ކުންފުންޏަކީ ވަރަށް ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމާއި މިހާރު ހިނގާ މަޝްރޫއުތައް ވެސް ބޭނުންވާ ފެންވަރަށް ބާރު ސްޕީޑުގައި ނިންމާތީ ކަން ހަލީމް ވަނީ ފާހަގަކުރައްވާފައެވެ




