ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާގެ ގަވާއިދު ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށް، ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާއެކު ބައެއް ޓޫރިސްޓު ފެސިލިޓީތަކުން އެކަމަށް ދެކޮޅު ހަދާއި އެމްއެމްއޭއަށާއި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެކަން ބަދަލު ނުކުރާނެ ކަމަށާއި އެ ގަވާއިދު އޮންނާނީ އެގޮތަށް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’ސަން‘ އިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެޖަމިއްޔާއިން ރައީސް ޑރ. މުއިއްޒުގެ ނިންމެވުމަށް 100 އިންސައްތައަށް ތާއިދުކުރެއެވެ.
އާސިފް ވިދާޅުވެފައިވާ ގޮތުގައި މިވަގުތު އެ ގަވާއިދާ ގުޅިގެން އެ ޖަމިއްޔާގެ ވެސް ކަންބޮޑުވުންތަކެއް ހުރިއިރު އެޖަމިއްޔާއިން ދަނީ އެމްއެމްއޭއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާ އެކަންކަން ހިއްސާކޮށް، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
”ވިސްނަންޖެހޭނެ އަޅުގަނޑުމެންގެ ގައުމު މިއޮތީ ކުރިން އޮތް ހާލަތެއްގައެއް ނޫން. ދަރަންޏެއްގަ މިއޮތީ. ޑޮލަރުގެ އިޝޫއަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުމެންނަކީ 100 ޕަސެންޓު، ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އިމްޕޯޓުކުރާ ބައެއް. އެހެންވީމަ ޑޮލަރަކީ ވަރަށް މުހިންމު އެއްޗެއް ވިޔަފާރިވެރިންނަށް،“ އާސިފް އާއި ހަވާލާދީ ސަންއިން ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން، ގިނައިން އުޅެނީ ޓްރޭޑް ކުރާ މީހުންކަން ފާހަގަކޮށް އާސިފް ވަނީ އެކި ދުވަހު އެކި އަގުގައި ޑޮލަރު ލިބެން ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށްފައެވެ. އާސިފް ވިދާޅުވީ ޑޮލަރު ބޭނުންކޮށްގެން ނޫނީ ބޭރުން އެއްޗެއް ނުގެނެވޭއިރު، އެ މައްސަލަ ދަރަނި ކުޑަކުރެވިގެން ނޫނީ ހައްލުނުކުރެވޭނެ ކަމަށެވެ.




