ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމަށް އިންތިޚާބުވާ ޕާޓީ ބަދަލު ކުރުމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް ހަދާފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާ ކަމަށާއި، އަދި މި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން މަޢުލޫމާތު ދީފައިވެއެވެ.
މިދިޔަ އެޕްރީލް މަހު ތަސްދީގު ކުރެވުނު މި ގާނޫނުގައި، މައިގަނޑު ތިން ހާލަތެއްގައި މަޖިލިސް މެންބަރުން މަގާމުން ’އިސްތިއުފާ ދޭންވާނެ‘ ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން ’ޕާޓީ ބަދަލުކުރުން‘
- އަމިއްލަ ގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
މި ގާނޫނުގައިވާ ގޮތުން، މި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރަކު މަގާމުން އިސްތިއުފާ ދޭންވާނެއެވެ.
މި ގާނޫނު ފާސްކުރިއިރު، މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ ރިކޯލް ވޯޓު ނެގުމުގެ ބާބެއް ހިމަނާފައިވީ ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބާބު އެއްކޮށް އުނިކޮށްފައިވާކަން ފާހަގަކުރެވެއެވެ.



