ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އަދި ބްރޯޑްކާސްޓިންގ ކޮމިޝަން ބިލު މަޖިލީހުން ބޭރުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވުމާ ގުޅިގެން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުހަބާ ކިޔައިފިއެވެ.
ސީޕީޖޭ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު އެންމެ އިސް ފަރާތަކަށް ހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާއިރު، މި ބިލު ބާތިލުކުރުމަށް ނިންމެވި ނިންމެވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބުނެފައިވެއެވެ.
މި ބިލުގެ ދަށުން ސަރުކާރުގެ ނުފޫޒު އޮންނަ މުއައްސަސާއަކަށް ނޫސްވެރިންނާއި މީޑިއާތަކަށް ޖޫރިމަނާ ކުރުމާއި، ނޫސްވެރިކަމުގެ ހުއްދަ ހިފެހެއްޓުމާއި، އަދި ރިޕޯޓު ކުރުމުގެ ސަބަބުން ރަސްމީކޮށް މަޢާފަށް އެދުމަށް މަޖުބޫރުކުރުމުގެ ބާރު ލިބިދޭނެކަމަށް ވެސް ސީޕީޖޭއިން ބުނެފައިވެއެވެ.
”މި ބިލު ބާތިލުކުރުމަށް ނިންމެވި ނިންމެވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް ލިބުނު ފުރުޞަތެއް,“ ސީޕީޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއާއިއެކު ސީޕީޖޭއިން ވަނީ ޤާނޫނު ހަދާ ފަރާތްތަކުން ނޫސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކާ މަޝްވަރާކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަން މިނިވަންކަން ރައްކާތެރިކުރާނެ އައު މީޑިއާ ރެގިއުލޭޝަން ބިލެއް އެކުލަވާލުމަށް ގޮވާލާފައެވެ.
މި ބިލު ބާތިލުކުރުމަށް ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.



