ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާގެ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުމަށް ޓޫރިސްޓު ފެސިލިޓީތަކުގެ މައްޗަށް ލާޒިމުކުރާ އެގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވަނިކޮށް އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން އެކުލަވާލައި މި އަހަރުގެ އޮކްޓޫބަރު 1 ގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތަށް، ވަރަށް ގިނަ ވިޔަފާރިތަކުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.
ގަވާއިދު ތަންފީޒު ކުރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހަމުންކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޮންމެ ވިޔަފާރިއަކާއި ކޮންމެ ރައްޔިތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިގާވާއިދަށް މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރާ 173 ރިސޯޓަކުން ވަނީ މިގަވާއިދުގެ ދަށުން ރަޖިސްޓްރީވެފައެވެ. މިއީ ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރާ 174 ރިސޯޓެއްގެ ތެރެއިން 173 ރިސޯޓެވެ.
އެހެންނަމަވެސް ބައެއް ވިޔަފާރިވެރިން ވަނީ މިގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބުނެ އެމްއެމްއޭ އާއި ރައީސް އޮފީހަށް ޝަކުވާވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ސަރުކާރަށް އެއް އަހަރުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ގަވާއިދުގައިވާ ކަންކަން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
”ގަވައިދު ބަދަލުކުރާކަށް ނެތިން. ގަވައިދު ބަދަލެއް ނުކުރާނަން، ވަރަށް ސާފުކޮށް މި ދެންނެވީ،“ ރައީސް ވިދާޅުވިއެވެ.



