ގޭންގު ކުށްތައް މަދުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކާމިޔާބުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ޓީވީއެމްއިން ގެނެސްދިން ’52 ހަފްތާ ސަރުކާރާއިއެކު ކުރިއަށް‘ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޞިއްދީޤު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގޭންގުކުށްތައް ހުރީ އަތްފޯރާވަރަށް ވުރެއް މަތީގައިއެވެ. އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ވަރަށް ހިކުމަތްތެރިކަމާއިއެކު އެކަން ބަދަލުކުރުމަށްޓަކައި މަސައްކަތް ކުރައްވާފައިވާ ކަމަށް ޞިއްދީޤު ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ފާއިތުވި 52 ހަފްތާގެ ތެރޭގައި 5،407 މީހެއްގެ މޫވްމަންޓް ބަލައި، ހުއްޓުވައި އެ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. މިގޮތަށް މި ކަންތައް ކުރަން ފެށުމުން ކުށްވެރިންނަށް ކުށްކުރުމަށް އޮންނަ މަގު ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ކުޑަކުދިންގެ ތެރެއިން ކުޑަކުދިން ރިކްރޫޓުކޮށްގެން ކުށްކުރަމުންދާތީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު 16 އާ ހަމައަށް 341 ކުއްޖަކު ހުއްޓުވައި ބަލާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، ގޭންގުތައް އެލޮކޭޓްވެފައިވާ ސަރަހައްދުތަކުގައި 17،340 ފަހަރު މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި، 42 އުޅަނދެއް 3،043 ފަހަރު ޗެކްކޮށްފައިވާ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއަކީ ރައްޔިތުންގެ ތެރޭގައި އޮންނަ ނުތަނަވަސްކަން ފިލައިގެން ގޮސް، ކުށްވެރިންނަށް ރައްޔިތުންނާ ހަމައަށް ވާސިލުވުމަށް އޮންނަ މަގު ބަންދުވެ، ކުށްތަކަށް އަރައިގަތުމަށް އޮންނަ މަގު ބަންދުވެގެންދިއުން ކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ އަޙުމަދު ޞިއްދީޤު ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރުތައް އައިސްފައިވާ ކަމަށާއި، ނަމަވެސް މިފަދަ ފިޔަވަޅުތައް ނޭޅުމުގެ ނަތީޖާއަކަށްވީ ގޭންގުތައް މާ ބޮޑަށް ފުޅާވެގެން ދިއުން ކަމަށެވެ. އެހެންކަމުން މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހޯދައިދިން ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.



