އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދިމާލަށް ގާތިލެކޭ ބުނެ އޭނާ ދަނީ ސިލްސިލާކޮށް ކުށެއްނެތް ނެތް އެތައް ބަޔަކު މަރަމުން ކަމަށް ބުނުމުން ނެސެޓްގެ ޕާލަމަންޓު މެންބަރެއްގެ ވާހަކަ ހުއްޓުވައިފިއެވެ.
އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ އޭމަން އޮޑޭހް އަކީ އިޒްރޭލުގެ ޕާލަމަންޓު މެންބަރެއްގެ އިތުރުން ހަދާޝް ތާލްގެ ލީޑަރެވެ.
ނަތަންޔާހޫއަކީ ގާތިލެއް ކަމަށާއި އޭނާއަކީ ސުލްހަ މަސަލަސްކަމަށް ވެސް ލޯބިކުރާ މީހެއް ނޫން ކަމަށް މެންބަރު އޭމަން ބުނީ ނަތަންޔާހޫ ވެސް އެ މަޖިލިހުގައި ހާޒިރުވެ އިންދާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
”ނަތަންޔާހޫގެ ބޮޑުވަޒީރު ކަމުގައި އަދި ނަތަންޔާހޫ އަންގައިގެން ޣައްޒާއިން 17،385 ތުއްތު ކުދިން ވަނީ މާރާލާފަ. އޭގެތެރެއިން 825 ކުދިންނަކީ އުމުރުން އެއް އަހަރުވެސް އަދި ނުފުރޭ ކުދިން. މީގެ އިތުރުން ނަތަންޔާހޫ ވަނީ 35،055 ތުއްތު ކުދިން ޔަތީމުކޮށްލާފަ. އެހުރިހާ އެންމެންގެ ލޭގެ ބަދަލު ފަހުދުވަހާ ހަމައަށްވެސް ނަތަންޔާހޫ ދޭން ޖެހޭނެ. މިކަން ވާނީ ނަތަންޔާހޫއަށް އަބަދުވެސް ކުރިމަތިލާން ޖެހޭ ނާމާންކަމަކަށް“ އޭމަންގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
އޭމަންގެ އެވާހަކަތަކަށް ޕާލަމަންޓު ޖަލްސާގައި ތިބި ގިނަ މެންބަރުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އޭނާގެ ވާހަކަ ނުނިންމެނީސް ސެކިއުރިޓީގެ ތިން މީހަކު އޭނާ މައިކްއާއި ދުރަށްލާތަން ވީޑިއޯއަކުން ފެނެއެވެ.



