ގަވާއިދާ ޚިލާފަށް މަސްބޯޓުތަކެއް ކޮންޓްރޯލު ކުރަމުންދިޔަ 39 ބިދޭސީއަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަހީދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން ވަނީ މިއަދު އެ ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބަލައި، އެފަދަ މީހުން ބަންދުކޮށް ފިޔަވަޅު އަޅަން ފަށައިފައެވެ.
އެގޮތުން މިމަހުގެ 17 ވަނަ ދުވަހު ޝައްމާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ގަވައިދާ ހިލާފަށް އުޅޭ 5000 ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވާ ކަމަށެވެ. މިއީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ރެކޯޑް އަދަދެއް ކަމަށާއި، މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ޝައްމާން ވިދާޅުވެފައިވެއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރީގެ ސަރުކާރު ތަކުންވެސް ބައެއް މަސައްކަތް ކޮށްފައިވީ ނަމަވެސް މާ ބޮޑު ރަނގަޅު ނަތީޖާއެއް ނެރެވިފައިވާތަން ފެންނާކަށް ނެތެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެޑައިގަތް ފަހުން، އިމިގްރޭޝަން ކޮންޓްރޯލާރ ކަމަށް ޝަމްއާން އައްޔަނު ކުރެވި، އެބޭފުޅާގެ ލީޑަރޝިޕްގެ ދަށުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އަޅަން ފަށާފައިވެއެވެ.



