މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޅ. ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެފައިވާކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑިއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ކުރެންދޫރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގެ 104 ގެއަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭފަދަ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެ އޮތޯރިޓީން ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ކުރެންދޫގައި ބޮޑުވެފައިވާ ފެންގަނޑު ރޭގެ 12 ޖެހުމާ ހަމައަށް ނޮދަރން އޭރިއާ ކޮމާންޑުގެ ސިފައިންގެ އެހީތެރިކަމާއެކު މިހާރު ހިންދާލެވިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އެގޮތުން އެރަށުތެރެ އެއްކޮށް ފެންބޮޑުވެ ރަށުގައި ހުރި ޕަންޕު ބޭނުން ކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ ޅ. ކުރެންދޫގެ އިތުރުން ސ. ފޭދޫ، ދ. ބަނޑިދޫ، އަދި ދ. ހުޅުދެލިން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ އެހެން އަތޮޅުތަކުގެ ހާލަތު ރަނގަޅުކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.




