ރައްޔިތުންނަށް ދަތިވާ ކަންކަމަށް އަވަސް ހައްލެއް ގެނެސް ދިނުމަށް މަސައްކަތްކޮށް، ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ސްޓެލްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތްތަށް ފާހަގަކޮށް، އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ ހުސެއިން ފަހުމީ ތައުރީފު ކުރައްވައިފިއެވެ.
އެގޮތުން އޮމަދޫގައި ފެންބޮޑުވާ މަގުތަކުގައި ފެން ހިންދުމުގެ ގޮތުން ޖަންކްޝަން ހެދުމުގެ މަސައްކަތުގައި ސްޓެލްކޯގެ އޮމަދޫ ގޮފީގެ މުވައްޒަފުން ވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާތީ ޝުކުރު އަދާކޮށް އޮދަމޫ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރައްވަމުން ފަހުމީ ވިދާޅުވީ ޤައުމު ދެކެ ލޯބިވާ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ވެސް ހިތުގެ އަޑިން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ކުރާ ހުރިހާ މަސައްކަތަކުން ވެސް ރަމްޒުކޮށްދެނީ އެ މުވައްޒަފުން މަސައްކަތަށް ދޭ އަހައްމިއްޔަތު ކަމާއި ލޯބި ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކަރަންޓުގެ މަސައްކަތްތަކުގެ އިތުރުން ގުދުރަތީ ކާރިސާތަކުން ދިމާވާ ކަންކަމުގައި ވެސް އަމިއްލައަށް އިސްނަގައިގެން ޒިންމާދާރުކަމާއެކީ ސްޓެލްކޯގެ މުވައްޒަފުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
”ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންނަށް ހަމައެކަނި ކަރަންޓު ފޯރުކޮށް ދިނުމެއް ނޫން. އެއީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށްޓަކައި ނިކުމެ، ރައްޔިތުންނަށް އެހީތެރިކަމާއި ހިދުމަތް ފޯރުކޮށްދިނުން“ ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ކުރާ މިންނެއް މަސައްކަތް ފާހަގަ ނުވެ ނުދާނެ ކަމަށާއި އަބަދުވެސް އެ މަސައްކަތްތަކުގެ އަގުވަޒަން ކުރައްވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.



