މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާގެ 38 މަޝްރޫއު ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މަޝްރޫއުތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ސަރުކާރުން އެކި ސަބަބުތަކާ ހުރެ ރަށްރަށުގައި ހުއްޓާލާފައި ހުރި ޕްރޮޖެކްޓްތައް އަލުން ފަށަން ޖެހުމެވެ. އޭރު ފާސްކޮށްފައި އޮތް ބަޖެޓުގެ ސަބަބުން މަޝްރޫއުތައް ހިންގަން ތާށިކަން ކުރިމަތިވިކަން ފާހަގަކޮށް އެވުޒާރާއިން ބުނީ ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށަން ޚާއްޞަ ސަމާލުކަމެއް އެވުޒާރާއިން ދީފައިވާ ކަމަށާއި، އެ މަސައްކަތް ރަށްރަށުގެ ބަނދަރުމަތިންނާއި ތޮށިގަނޑުންނާއި ހިއްކި ސަރަހައްދުތަކުން ފެންނާނެ ކަމަށެވެ.
އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އާއި ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ވަނީ ނިންމާލާފައިވެއެވެ. އަދި މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް ނިމިފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފެނާއި ނަރުދަމާގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 29 މަޝްރޫއެއް ވަނީ ނިމިފައެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫއު ނިމޭނެ ކަމަށް ވެސް އެވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުންވެސް، ގުޅީފަޅޫ ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮސް ނިމިފައިވާ ކަމަށާއި އަހަރެއް ތެރޭ ތިލަމާލެ ބްރިޖުގެ ު މަސައްކަތުގެ 46.6 ޕަސެންޓް ނިމިފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.



