ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެނާ ނަރުދަމާގެ ހިދުމަތްދޭ ފެނަކަ ކުންފުނިން މިފާއިތުވީ އެއް އަހަރު ދުވަސް ތެރޭގައި، އެ ހިދުމަތް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.
ރާއްޖޭގެ 157 ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިން، މީހުން ދިރިއުޅޭ 98 ރަށަކަށް މިހާރުވެސް އަންނަނީ ފެނާ ނަރުދަމާގެ ޙިދުމަތް ފޯރުކޮށް ދެމުންނެވެ. އަދި ހަމަ އެއާއެކު މިވީ އަހަރެއްހާ ދުވަސް ތެރޭގައި އެކުންފުނިން ވަނީ ޚިދުމަތްތައް ފުޅާކޮށް ރަށްޔިތުންނަށް އެދެވޭ ޚިދުމަތެއް ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ފޯރުކޮށްދެމުން އަންނަ ފެނުގެ ޚިދުމަތަށް ބަލާލާއިރު، މި ވޭތުވެދިޔަ އެއްއަހަރު ތެރޭގައި މުޅިޔަކު 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލެއްގެ މައްޗައް 564 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އާރް.އޯ ޕްލާންޓެއް ވަނީ ޤާއިމްކޮށްފައެވެ.
އަދި ހަމަ އެއާއިއެކު މިވޭތުވެދިޔަ އެއްއަހަރު ތެރޭގައި ރަށްރަށުގައި ޤާއިމް ކޮށްފަވާ އައު ހައުސިންގ ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. މިގޮތުން ހދ.ނޮޅިވަރަންފަރު، ބ.ތުޅާދޫ އަދި ތ.ތިމަރަފުށީ ގައި މި މަސައްކަތް މިވަގުތު ވެސް ކުރިއަށް ދާއިރުގައި މިއަހަރުގެ ނޮވެންބަރ މަސްތެރޭގައި މިމަސައްކަތް ނިންމާލެވޭނެކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެކުންފުނިން ދެމުން ގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ދިނުމަށާއި އަދި ޚިދުމަތް ފުޅާކުރުމުގެގޮތުން ފާއިތުވި އެއްއަހަރު ތެރޭގައި އިތުރު 21 ރަށެއްގައި ފެނުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ، އަދި ހަމަ އެއާއެކު 4 ރަށެއްގައި ނަރުދަމާ ވަނީ އަލައް ޤާއިމްކޮށްފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހަންމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދަތިތަކާއި ގޮންޖެހުންތަކާއި އެކުގައި ވެސް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުގެ އަމާޒަކީ އެކުންފުންޏަކީ މުސްތަގްބަލުގައި ފައިދާވާ ރައްޔިތުންނައް އެދެވޭ ޚިދުމަތެއް ފޯރުކޮށްދެވޭ ކުންފުންޏަކަށް ވެގެން ދިޔުމެވެ.



