ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި ނަގައިދިނުމުގެ ޚިދުމަތަށް މާލެ ސަރަހައްދުގައި ވިޔަފާރިކުރާ 8،000 ތަން ގެނައުމަކީ އެ ކުންފުނިން އަންނަ އަހަރަށް ކުރާ އަމާޒެއް ކަމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެމްޑީ މުޖުތަބާ ވިދާޅުވީ މާލެ ސަރަހައްދުގެ ކުނި ނެގުމަށް ވެމްކޯއިން ބިލް ކުރަމުން އަންނަނީ ސްޓެލްކޯގެ ކަރަންޓު ބިލު ހިމެނޭ ނިޒާމުގެ ތެރެއިން ކަމަށާއި އެގޮތުން 12،000 ތަނެއް ވެމްކޯގެ ނިޒާމުގައި ހިމެނޭއިރު އޭގެތެރެއިން ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތް ހޯދަނީ 2،000 ތަނުން ކަމަށެވެ.
އެހެންކަމުން އަމާޒަކީ ބާކީ ހުރި 10،000 ތަނުގެ ތެރެއިން 8000 ތަން ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތުގެ ތެތެއަށް ގެނެސް އާމްދަނީ އިތުރު ކުރުން ކަމުގައި މުޖުތަބާ ވިދާޅުވިއެވެ.
”އޭރުން 15 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި އިތުރުކުރެވޭނެކަމަށް ލަފާކުރެވޭ. ހުރިހާ ވިޔަފާރިކުރާ ތަނަކަށް ގޮސް، އެތަނެއް ބޭނުންވާ ގޮތަށް ޕެކޭޖުތަކެއް އެބަ ހުށައަޅަން. ބައެއް ވިޔަފާރިތަކުން ބޭނުންވޭ ހަމައެކަނި ރޭގަނޑު ތެރޭ ކުނި ނަގަން. އަދި ބައެއް ތަންތަނުން ބޭނުންވޭ ދެއިރަށް ކުނި ނަގަން“ ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1000 އެއްހާ ތަނަށް ޒިޔާރަތްކުރެވިއްޖެކަމަށާއި އޭގެ ތެރެއިން 270 އަށްވުރެ ގިނަ ތަން ވެމްކޯގެ ޚިދުމަތަށް ގެނެވިއްޖެ ކަމަށެވެ.



