ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުން ގާކުނޑިތަކެއް ގއ. ނިލަންދޫ ކައުންސިލްގެ ހުއްދައާ އެކު ނިލަންދޫ ޗަސް ބިން ސަރަހައްދުގައި ވަޅުލާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.
އީޕީއޭގެ ޑިރެކްޓަރު ރިއްފަތު ނައީމް އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’މިހާރު‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިސޯޓަކުން ނިލަންދުއަށް ކުނި ގެންގޮސްގެން ވަޅުލާ މައްސަލަ ވަނީ އީޕީއޭގެ ސަމާލުކަމަށް އައިސްފައެވެ.
”އެއް ރަށުގައި އުފެދޭ ކުނި އެހެން ރަށަކަށް އެރުވުމަކީ މަނާ ކަމެއް. މިކަމުގެ ޝަކުވާތައް ވެސް ލިބިފައި ވަނީ، އެހެންވެ މައްސަލަ ބަލަމުން މި އަންނަނީ،“ ރިއްފަތު އާއި ހަވާލާދީ މިހާރު އިން ރިޕޯޓުކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރޮބިންސަން ކްލަބް ރިސޯޓުގެ ފާރުތަކެއް ތަޅާލާފައި ހުރި ގާކުނޑިއެވެ. މިކުޑިތައް ނިލަންދޫ އުކާލަން ގެންދަނީ ލިއޯ ޓްރޭޑިން ކިޔާ ކުންފުންޏަކުން އެރަށުގެ ކައުންސިލާއި ގުޅިގެންނެވެ.
މިކަމާއި ގުޅޭގޮތުން ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާހީމް ވިދާޅުވީ އެ ރަށަށް ގާކުނޑި ގެންދަނީ ކައުންސިލުން ބޭނުންވެގެން ކަމަށާއި މިއީ އުދަ އަރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ކުރާ ކަމެކެވެ. އަދި ގާކުނޑިތައް އަޅަނީ ޗަސް ބިން ކައިރީގައި ޗަކަ ހެދިފައި އޮތް މަގު ރަނގަޅު ކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލުން ވަނީ އެ މަގު ހެދުމަށް ބޭނުންވާ ހުއްދަ ހޯދުމަށާއި، އެކަމަށް ރުއްތައް ވެސް ނަގަން ޖެހޭ ކަން ވާނީ އީޕީއޭއަށް އަންގާފައެވެ.
އީޕީއޭ އިން ޖަވާބެއް ނުދީ 30 ދުވަސް ވެއްޖެ ނަމަ އެ މަސައްކަތް ކުރެވޭނެކަން ފާހަގަކޮށް ކައުންސިލުން ބުނެފައި ވަނީ އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުން މަނާވިޔަސް ގާކުނޑި ހިމެނެނީ ކުނީގެ ތެރޭގައި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.


