ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމެންބަރެއް އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ނިންމައިފިއެވެ.
ޕީއެންސީގެ ބައެއް މެންބަރުން ’ސައުވީސް‘ އަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި އެޕާޓީން ވަނީ މަޖިލީސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައެވެ.
ޕާޓީން ބޭނުން ވަނީ މާދަމާ ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައި ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ފާސްކުރާށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާއިރު، ގާނޫނީ ފަންނުގެ ބޭފުޅުން ވަނީ އެގާނޫނުގެ ބައެއް މާއްދާތައް ގާނޫނުއަސާސީ އާއި ޚިލާފުވާކަން ފާހަގަކޮށްފައެވެ
މީގެއިތުރުން، މިގާނޫނުގެ ބައެއް މާއްދާތައް ބާޠިލު ކުރުމަށް އަމިއްލަ ފަރާތަކުން ވަނީ އިއްޔެ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ އާއި ގުޅިގެން ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާއިރު އަދި މި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ތިން ހާލަތެއްގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
- އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
މިގާނޫނުގާއި މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގައި ރިކޯލް ވޯޓު ނެގުން ހިމަނާފައިވާއިރު، ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެ ކަމަށާއި އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށާއި އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެ މެންބަރުން އިސްތިއުފާ ނުދީފި ނަމަ އަމަލުކުރާނެ ގޮތެއް މިގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި،
- އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
މިހެންކަމުން މެންބަރުން ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ފުށުއަރާ ގާނޫނެއް ކަމަށް ގާނޫނީ ފަންނުގެ ބައެއް ބޭފުޅުން ދެކިލައްވައެވެ.



