ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނަމަވެސް ފައްޔާޒު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމާއިމެދު އަދި މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
”ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ ތިމަންނާ އެކަހަލަ އިންޓްރެސްޓެއް ނެތޭ އެނގޭތޯ. އަޅުގަނޑުގެ އިންޓްރެސްޓް އެބަހުރި. އެކަމަކު އޭގެ މާނައަކީ 2028 ގައި އެކަން ކުރަން ނިންމައިގެން އަޅުގަނޑު ހުރި ވާހަކައެއް ނޫން،“ ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިވަގުތު އޭނާގެ އެންމެ މުހިންމު އަމާޒަކީ މިހާރު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަލިކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި އެފަދަ މަގެއް ނުހޯދިއްޖެނަމަ ރައްޔިތުންނަށް މި ޤައުމުގައި ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑަރެއްގެ ހައިސިއްޔަތުން، 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަކީ މިހާރު އޭނާ ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ކެންޑިޑެންސީއާ ހިސާބަށް ދާއިރު ޕާޓީއަށް ފެންނަ އެންމެ ރަނގަޅު ކެންޑިޑޭޓެއް ހޮވައި، އެކަން ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، 2028 ގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބަލިވާ ކެންޑިޑޭޓުން ވެސް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ރަސްމީކޮށް އެއްވެސް ބޭފުޅަކު އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުންގެ ތެރޭގައި ފައްޔާޒް ހިމެނިވަޑައިގަންނަވާ ކަމަށް ބެލެވެއެވެ.




