ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއެއްގެ އެއްވެސް މެންބަރަކު، އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފިނަމަ މަޖިލިހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރުން ނިންމި ނިންމުމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ތާއީދުކޮށްފިއެވެ.
ގާނޫނު އަސާސީ މިފަދައިން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިހަށް މާދަމާ ހުށަހަޅަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
މިކަމާ ގުޅިގެން ”އެކްސް“ މެދުވެރިކޮށް ސްޓެލްކޯގެ އެމްޑީ ވިދާޅުވީ ފްލޯ ކްރޮސިންގ ނުވަތަ ޕާޓީ ބަދަލު ކުރުން މަނާކުރުމަށް ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިސްނެގި ކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށާއި، މިހާރުގެ އެންޓި-ޑިފެކްޝަން ޤާނޫނު އިތުރަށް ހަރުދަނާކޮށް، ޒިންމާދާރު ފަރާތްތަށް އިތުރަށް ޖަވާބުދާރީވުމާއި ހާމަކަން ބޮޑުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ ޔޫކޭ އަދި ޔޫއެސްއޭ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ އާދަކާދަތަކުން ފިލާވަޅު ލިބިގަނެ، މި ޤާނޫނު އަވަހަށް ފާސްކުރުމަށް އިސްކަންދިނުމަށް ހުރިހާ މެންބަރުންނަށްވެސް ގޮވާލައްވާފައެވެ.
”ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ފްލޯ ކްރޮސިންގ މަނާކުރުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް ބިނާކުރުމަށާއި، ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ބަދަލެއް ގެނެވިދާނެ އިޞްލާޙެއް. އިންތިޚާބުކޮށްފައިވާ މެންބަރުން އެމީހުންގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ، ރައްޔިތުންގެ އިތުބާރު ގެއްލުވާލައި، ވެރިކަން ހިންގުމަށް ހުރަސްއަޅައި، އަދި ގިނަ ފަހަރަށް ނޭދެވޭ ޢަމަލުތަކަށް މަގުފަހިކުރާ ކަމެއް“ ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ގާނޫނު މިފަދައިން އިސްލާހު ކުރުމުހން އަމިއްލަ ނުވަތަ ޕާޓީގެ މަޞްލަޙަތު، ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ އިސްކުރުން ހުއްޓިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިންތިހާބުވާ މެންބަރެއް އެމީހުންގެ މެންޑޭޓަށާއި، ޚިދުމަތްކުރާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދެމިތިބޭނެކަން މި އިސްލާހުގެ ސަބަބުން ކަށަވަރު ވެގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.



